ކަރަބޯ ކަޕް ފައިނަލްގައި ލިވަރޕޫލްގެ މައްޗަށް ކުރި ހޯދާ 70 އަހަރަށްފަހު ފުރަތަމަ ފަހަރަށް ނިއުކާރސަލް ޔުނައިޓެޑުން ޑޮމެސްޓިކް ތައްޓެއް އުފުލާލައިފި
- 17 މާރޗް 2025
ކަރަބޯ ކަޕް ފައިނަލްގައި ލިވަރޕޫލްގެ މައްޗަށް ކުރި ހޯދާ 70 އަހަރަށްފަހު ފުރަތަމަ ފަހަރަށް ނިއުކާރސަލް ޔުނައިޓެޑުން ޑޮމެސްޓިކް ތައްޓެއް އުފުލާލައިފިއެވެ.
ރޭ ކުޅުނު ކަރަބޯ ކަޕް ފައިނަލް މެޗް ނިއުކާރސަލްއިން ކާމިޔާބުކުރީ ލިވަރޕޫލްގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ހާފްގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ފުރަތަމަ ލީޑް ނަގައި ކުރި ހޯދީ ނިއުކާރސަލް ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފް ނިމެން ދަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބާން އެވެ. މި ލީޑްގައި އޮވެ ދެވަނަ ހާފް ފަށައިގެން މާގިނައިރު ތަކެއް ނުވެ ނިއުކާރސަލް ޔުނައިޓެޑްގެ ފޯވާރޑް އިސާކް ވަނީ 52 ވަނަ މިނެޓްގައި މި ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. މި ނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް މެޗްގެ 90 މިނެޓްގެ ކުޅުން ހަމަވެ އިތުރަށް ދެއްކި 4 މިނެޓުގައި ލިވަރޕޫލަށް މެޗްގެ ފަރަޤު ކުޑަކޮށްދިނީ މި ސީޒަނަށް އެ ޓީމަށް ގެނައި އިޓަލީގެ ފޯވާރޑް ޗިއެސާއެވެ.
ރޭ އުފުލާލި ކަރަބޯ ކަޕްގެ ތައްޓާއެކު ނިއުކާރސަލް ޔުނައިޓެޑުން މި ވަނީ އިނގިރޭސި ވިލާތުގައި ބާއްވާ މުބާރާތްތަކުގެ ޓްރޮފީއަކަށް ކުރަމުން އައި އިންތިޒާރު 70 އަހަރަށްފަހު ނިމިގެން ގޮސްފައެވެ. މިއީ ކުރިން އިނގިރޭސި ގަދަ ބާރެއްގެ ގޮތުގައި އޮތް ކްލަބުގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކަށް ވާނެއެވެ. އެ ޓީމަށް އެންމެ ފަހުން ޑޮމެސްޓިކް ތައްޓެއް ކާމިޔާބުކުރެވިފައިވަނީ 1955 ވަނަ އަހަރުއެވެ. އެ އަހަރުގެ އިނގިރޭސި އެފް.އޭ ކަޕް ނިއުކާރސަލްއިން ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި މެންޗަސްޓަރ ސިޓީގެ މައްޗަށް 3-1 ލަނޑުން ކުރި ހޯދައިގެންނެވެ.