ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
- 23 މާރޗް 2025
ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި.
ތޮއްޑޫގައި އެކަޑަމިކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ރިދަން އެކަޑަމީން ރާއްޖޭގެ ހުރިހާ އެކަޑަމީތަކަށް ހުޅުވާލި މި ޗެމްޕިއަންޝިޕްގައި ބައިވެރުވުމުގެ ފުރުޞަތު ހަމަވާނީ އޭޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ އެކަޑަމީން މަޢުލޫމާތު ދޭ ގޮތުގައި މި ޗެމްޕިއަންޝިޕްގައި ފުޓްބޯޅަ، ބެޑްމިންޓަނ އަދި ހޭންޑްބޯޅަ މި ތިން ކުޅިވަރު ކުރިއަށްދާނެއެވެ. މި ތިން ކުޅިވަރުގެ ތެރެއިން ފުޓްބޯޅަ އިވެންޓް ކުރިއަށްދަނީ ހަތަރު އުމުރުފުރާއަކަށެވެ. އެއީ 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 17 އަހަރުން ދަށެވެ. ބެޑްމިންޓަން އިވެންޓް ކުރިއަށްދަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށެވެ. ހޭންޑް ބޯޅަ އިވެންޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 17 އަހަރުން ދަށުގެ އުމުރުފުރާއަށެވެ. މިއީ ރިދަން އެކަޑަމީން މި ޗެމްޕިއަންޝިޕް ބާއްވާ ދެވަނަ އަހަރެވެ. އެ އެކަޑަމީން ވަނީ މިދިޔަ އަހަރުވެސް މި ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންޝިޕްގައި ކުރިއަށް ގޮސްފައިވަނީ ހަމައެކަނި ފުޓްބޯޅަ އިވެންޓެވެ. މިދިޔަ އަހަރުގެ ފުޓްބޯޅަ އިވެންޓްގައި ރިދަން ސްޕޯޓްސް އެކަޑަމީގެ އިތުރުން ދެން ބައިވެރިވެފައިވަނީ ރަސްދޫ ފުޓްބޯޅަ އެކަޑަމީ، އާޖީލަކަށް އެކަޑަމީ، ނިއު ސްޓާރ އެކަޑަމީ، ބީޖީ ފުޓްބޯޅަ އެކަޑަމީ އަދި ސަސް އެކަޑަމީއެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައިވަނީ ސަސް އެކަޑަމީއެވެ. ރިދަން އެކަޑަމީން މިއަހަރުގެ މުބާރާތް ބާއްވަން ކަނޑައަޅާފައިވަނީ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުން ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކުޅިވަރު އިވެންޓްތަކުގައި ބައިވެރިވާން ބޭނުންވާ އެކަޑަމީތަކުން ރިދަން އެކަޑަމީގެ އީމެއިލް ridhansports@gmail.com އަށް ނުވަތަ 9932325 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެ އެކަޑަމީން މަޢުލޫމާތު ދެއެވެ.