ރިލެކުސް ކަމަނަ ސޯސަން ފުޓްސަލް ކަޕް ގެ ތަށި ކާންޓްޕްލޭ ފުރަތަމަ ފަހަރަށް އުފުލާލައިފި
- 06 އޭޕްރިލް 2025
ރިލެކުސް ކަމަނަ ސޯސަން ފުޓަސަލް ކަޕްގައި ރޭކުޅުނު ފައިނަލްމެޗު 1-0 ގެ ނަތީޖާއަކުން ޔަންގުސްޓާރ ބަލިކޮށް ކާންޓްޕްލޭ މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
ރޭ ކުޅެވުނު މުބާރާތުގެ ފައިނަލްމެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ލިބުނު ފުރުސަތުގެ ބޭނުންހިފައި ދެވަނަ ހާފުގެ 4 ވަނަ މިނެޓްގައި ކާންޓް ޕްލޭއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޢަލީ މީސާގް އީސާ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޢަލީ މީސާގް އީސާ އެވެ.
ރޭ ނިމުނު ރިލެކުސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގެ އެންމެ އުމްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ އެފްސީ އަމިގޯސްގެ އަހްމަދު އަފްލާޒް އެވެ. މުބާރާތުގެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ހެލޯ ބޭބީގެ އަހުނަފު ރަޝީދުއެވެ. އޭނާ ވަނީ މުބާރާތުގައި 13 ގޯލް ޖަހާދީފައެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗް މަގާމް ހޯދާފައިވަނީ ކާންޓްޕްލޭގެ ކޯޗް މޫސާ އާޒިމް އެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކަށް ހޮވިފައިވަނީ އެފްސީ އަމިގޯސްއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކާންޓް ޕްލޭގެ އަލީ ޝަމާލް އަބްދުﷲ، އާއި ޢަލީ ހުމޭޒް، އާއި އެޓީމުގެ މީސާގް އީސާ އާއި ޔަންގްސްޓާގެ ޝަނާން ރަޝާދު، އަދި އެޓީމްގެ ފައްޔާޒް ފަޔާޒް އެވެ. މުބާރާތުގެ "ކިންގް އޮފް ދަ ޓޯރނަމެންޓް"ގެ މަގާމް ހޯދާފައިވަނީ ޔަންގްސްޓާރގެ ޝަނާން ރަޝާދުއެވެ.
މުބާރާތުގެ ރަނަރސްއަޕް ޓީމަކީ ޔަންގް ސްޓާރ އެވެ.
މާރޗް 30 ން އެޕްރީލް 5 ކަށް ކުރިއަށް ގެންދިޔަ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރސްއަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިއަހަރު މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވަނީ ވާދަކޮށްފައެވެ.
"އަންނަ އަހަރުވެސް ކުޑަ އީދާއި ގުޅުވައިގެން މުބާރާތް ބާއްވާނަން. އިރާދަކުރެއްވިއްޔާ މުބާރާތް އިތުރަށް ފުރިހަމަކޮށް މުބާރާތުގެ ވާދަވެރިކަން އިތުރުކުރުމަށް މިއަހަރަށްވުރެ ބޮޑުކޮށް ވަރުގަދަޔަށް މަސައްކަތް ކުރާނަން" ސޯސަން ކުލަބު ރައީސް ނިޝާހު އާދަމް ވިދާޅުވިއެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރ "ރިލެކްސް ކަމަނަ" ފެރީ ސާރވިސް ނަގާފައިވާއިރު، މުބާރާތުގެ ކޯ ސްޕޮންސަރއަކީ ތޮއްޑޫ ކައުންސިލް އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ވަރަ ނޫސް އެވެ.