ޢީދުބިޑި ބަލަން އެންމެން ތޮއްޑޫއަށް!
- 26 މާރޗް 2025
"ޢީދުބިޑި ޖެހުމަކީ" ނުވަތަ އީދުބިޑި ރޯކުރުމަކީ ޒަމާނުއްސުރެ ތޮއްޑޫގައި ކުރަމުން ގެންދާ ކަމެކެވެ. ޢީދުބިޑި ޖަހަނީ ރޯދަމަހުގެ އެންމެ ފަހު ދުވަހުއެވެ. ރަށުގެ ޒުވާނުން ވަރަށް ފޯރިއާ އެކު ކުރަމުން ގެންދާ މި މަސައްކަތަކީ ރޯދަމަސް ނިމި ޢީދުގެ އުފާ ފާހަގަ ކުރުމުގެ ގޮތުން ކުރާ ބުރަ މަސައްކަތެކެވެ. ބުނެވޭ ގޮތުގައި ކުރީ ޒަމާނުގައި ޢީދު ގެ ހަނދު ފެނުނުކަން އެންގުމުގެ ގޮތުން ކޮންމެ ރަށެއްގެ ގޮނޑުދޮށުގައި ޢީދުބިޑި ރޯކުރެއެވެ. މިގޮތުން މި ޚަބަރު، ކައިރީގައި ވާ ހުރިހާ ރަށަކަށް ފޯރުކޮށްދެއެވެ. މުވާސަލާތުގެ އެއްވެސް ވަސީލަތެއް ނެތް އެޒަމާނުގައި ޚަބަރު ފެތުރުމުގެ ވަސީލަތެއްގެ ގޮތުގައި ޢީދު ބިޑި ބޭނުން ކުރެވެއެވެ. ރަށަކަށް ހަނދު ފެނިއްޖެނަމަ ނުވަތަ ހަނދު ފެނުނު ޚަބަރު ލިބިއްޖެނަމަ ޢީދުބިޑި ރޯކޮށްލައެވެ. އަދި މި ގޮތުން އެހެން ރަށްރަށުގެ މީހުނަށް އެ ޚަބަރު ފޯރު ކޮށްދެއެވެ. ޢީދު ބިޑި ހެދުމަށް ބޭނުން ކުރަނީ ދިގު ފަޅޯ ނޫނީ ދުނބުރި ގަހެވެ. ފަޅޯގަހުގައި ހިކިފަން ބަނުމަށް ފަހު އަތިރިމަތީ ވަޅުގަނޑެއްކޮނެ ގަސް ޖަހަނީ އެވެ. އަދި ބުޑުގަނޑު، ރަނގަޅަށް ހިކި ފަން ޖަހައިގެން ބޮޑުކޮށް ހަދަނީ އެވެ. ނަމަވެސް މި ފަހަކަށް އައިސް ދުނބުރިއާ މި ބާވަތުގެ އެހެން ބައެއްގަސް ގަސް ފައްތަރު ކޮށް ގެން ވެސް ބޭނުން ކުރެއެވެ. އަދި ދަގަނޑު ހޮޅި ބޭނުންކޮށްގެން ޢީދުބިޑި ހަދާފައި ވެއެވެ. ޢީދުބިޑިއެއްގެ ދިގުމިނުގައި 40-50 ވަރަކަށް ފޫޓު ހުންނާނެއެވެ.
ބައެއް ސަބަބުތަކާހުރެ ޢީދުބިޑި ނުހެދޭ ބައެއް އަހަރުތައް ދިޔަ ނަމަވެސް އާންމު ގޮތެއްގައި ތޮއްޑޫގައި ޢީދުބިޑި ހަދަމުން ގެންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ރޯދަމަހުގެ އެންމެ ފަހު ދުވަހަކީ ޢީދު ބިޑި ތައްޔާރުކޮށް ނިންމަންޖެހޭ ދުވަހެވެ. ޢީދުބިޑީގެ މަސައްކަތް ރޯދަމަހުގެ މެދުތެރެއިން ފަށާނެއެވެ. ޢީދު ބިޑި ރޯކުރާ ތަނަށް ރޯދަ ވީއްލުމައްޓަކާ ކުދިބޮޑު އެންމެން ޖަމާވާނެއެވެ. ޢީދު ބިޑި ރޯކޮށް ލަނީ ބަންގި ގޮވުމުން ރޯދަ ވީއްލައިގެންނެވެ. ޢީދުބިޑި ތެރެއަށް ރޯފަނާ ދުނބުރިގަސް ލުމުގެ ސަބަބުން އަލިފާން ގަނޑު އަނދައިގަންނައިރު "ބަޑިބަޑި" ޖަހާފައި އިވޭ އަޑުފައްގަނޑަކީ ކުދިން އެންމެ ޝައުޤުވެރިވާ އެއްކަމެވެ. ޒަމާނާއި އެކު މިހާރު ޢީދު ބިޑީގެ އެތެރަށް ގޮވާޒާތުގެ ތަފާތު އާލަތްތައް ހަރުކުރެވިފާ ހުރެއެވެ. މި ތަކެތި ހަރުކުރެވެނީ ޢީދުބިޑީގެ ހުރިހާ ހިސާބަކަށް ހަމަހަމަ ވާގޮތެއްގެ މަތީންނެވެ. މީގެ ސަބަބުން އީދުބިޑި ރޯވެ އަނދަމުންދާއިރު ދޭތެރެ ދޭތެރެއިން އަޑުގަދަ ގޮވުންތައް ގޮވަމުން ދެއެވެ. އެ އަޑާއެކީ ކުޅިބަލަންތިބޭ މީހުންގެ ތެރެއިން ހަޅޭކުގެ އަޑު އިވިގެން ދެއެވެ. ޢީދު ބިޑި ރޯކޮށްލުމަށް އެކަމަށް ޚާއްސަ އަތުން ހަދާފައިވާ ބަޑިއެއް ބޭނުންކުރެއެވެ. މި ބަޑި ބޭނުންކޮށްގެން ޢީދުބިޑި ރޯކޮށްލުމުގެ ޝަރަފު އެކިފަހަރު ލިބެނީ އެކި މީހުންނަށެވެ. ރަށުގެ ވެރިންނާއި ޢީދުބިޑި ހެދުމުގާ ހަރަކާތްތެރިވާ މީހެއް ނޫނީ އެންމެ ބޮޑު ސްޕޮންސަރއެއް ދިން ފަރާތަކަށް މި ފުރުޞަތު ލިބެއެވެ.
ޢާއިލާތައް އެކީ އަތިރިމަތީ ރޯދަ ވީއްލުން އިންތިޒާމު ކުރުމާއި ކުދިވެރިން މި ދުވަހު ރޯދައަށް ބޭތިއްބުމާއި އެތަށް ކަމެއް އީދުބިޑިޔާ ގުޅިފާވެއެވެ. ޒަމާނާއި އެކީ މިއަދު ތޮއްޑޫގައި ކުރިއަރަމުންދާ ލޯކަލް ޓޫރިޒަމަށް ވެސް ޢީދުބިޑި ވަނީ މުހިންމު އެއްޗަކަށް ވެފައެވެ. ޢީދުބިޑި ޖެހުމުގެ މަސައްކަތައް ތޮއްޑޫ ކައުންސިލާއި އަދިވެސް ވިޔަފާރިވެރިން ފަންޑުކުރުމުގެ ސަބަބުން ޢީދުގެ ފެށުން މިވަނީ ވަރަށްބޮޑަށް ކުލަގަދަވެފައެވެ. ތޮއްޑޫގެ ބައެއް ގެސްޓްހައުސްތަކުން ޢީޑުބިޑި ޕެކޭޖުތައް އިޝްތިހާރުކޮށް ވިއްކަމުން ދެއެވެ. ސްޕީޑް ލޯންޗެއްގައި 1 ގަޑި އިރުގެ ރާސްތާ މާލެއާ ދުރުގައި އޮތް ތޮއްޑޫއަށް ޢީދުބިޑި ބަލާލަން އެތައް މެހެމާނުންނެއް ޒިޔާރަތްކުރެއެވެ. ޢީދުބިޑީގެ މަސައްކަތް މިހާރުވެސް ވަރަށް ފޯރީގައި ކުރަމުން ގެންދާއިރު މިފަހަރު ޢީދު ބިޑީގެ ހަރަކާތުގައި ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން ކާއްޓޭ ފެނިގެންދާނެއެވެ.