ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްތަކަކަށް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެއްޖެ
- 02 މާރޗް 2025
ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގައި ކުރިއަށްއޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ. އެ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ ގިނަ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި ވިލާގަނޑުގައި ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ވުޒާރާ (މެޓު އޮފީސް) އިން މޫސުމަށް ސަމާލްވުމަށް އަންގާފައިވާއިރު އެ ވުޒާރާއިން ވަނީ 2 މާރޗް 3:00 އިން 7:00 އަށް ބ އަތޮޅުން ފެށިގެން ދ އަތޮޅަށް އޮރެންޖު ސަމާލު، އަދި 2:45 ކުން 9:00 އަށް ހއ އަތޮޅުން ފެށިގެން ރ އަތޮޅަށް ހުދުސަމާލު ނެރެފައެވެ. މޫސުމާއިބެހޭ ވުޒާރާ ލަފާކުރާގޮތުގައި އަދިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އާންމުގޮތެއްގައި ވައިޖެހޭނެކަމަށް ލަފާކުރަނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ.
މާލެ އާއި ކައިރި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތި ވެފައިވެއެވެ. ވިއްސާރައިގެ ސަބަބުން މާލޭގެ ގިނަ ސަރަހައްދުތަކެއް ފެންބޮޑުވެފައިވާއިރު ހެދިފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް މޯލްޑިވުސް ނޭޝަނަލް ޑިފެންސްފޯސް އިން ދަނީ ކުރަމުންނެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ވެލިބަސްތާޖެހުމުގައި ސިފައިންދަނީ ހަރަކާތްތެރި ވަމުންނެވެ.