ތޮއްޑޫ ކޮތަރު ޕާކުން އެންމެނަށް ހިނިތުންވުން
- 11 މާރޗް 2025
ކޮތަރު ޕާކޭ ބުނުމުން ކޮންމެ މީހެއްގެ ހިތަށް ވެސް ވަންނާނީ މާލޭ ކޮތަރު ޕާކުގެ ވާހަކައެވެ. މި ދައްކަނީ މާލޭގެ ކޮތަރު ޕާކު ވާހަކައެއް ނޫނެވެ. ނަމަވެސް ތޮއްޑޫ ގެ ބަނދަރު ސަރަހައްދުގައި ވިހައި އާލާ ވަމުންދާ ހުދު ކޮތަރު ތަކުގެ ވާހަކައެވެ. ތޮއްޑޫގެ ބޮޑު މަގުގެ އުތުރު ފަރާތު ބަނދަރުމައްޗަށް ވާ ގޮތަށް 12 ވަރަކަށް ފޫޓު އުސްމިނުގައި ހަދާ ފައިވާ "ކޮތަރު ގޭގައި" ވިހައިގެން ނުކުންނަ ހުދު ކޮތަރުތައް ދަނީ ކުޑަކުދިންނާއި މުސްކުޅިންނާ އަދި އެ ސަރަހައްދުން ދަތުރު ކުރާ ފަތުރުވެރިންގެ ސަމާލުކަން ދަމައިގަންނަމުންނެވެ.
ތޮއްޑޫ އާރްޑީސީގެ މުވައްޒަފުން ފޫހި ފިލުވާލަން ފެށި މި މަސައްކަތް މިހާރު މިވަނީ އެތަށް ބަޔެއްގެ ހިތްހަމަ ޖެހުމަކަށް ބަދަލުވެފައެވެ. ހާއްސަކޮށް ރޯދަމަހު ކޮތަރަށް ކާންދޭންދާ ކުޑަ ކުދިންނާ ޒުވާނުންނާ ބޮޑެތި މީހުން މަދެއް ނޫނެވެ. މި ޕްރޮޖެކުޓް ފަށައިގަތްއިރު ކޮތަރުތަކަށް ކާންދެނީ އާރުޑީސީގެ މުވައްޒަފުންނެވެ. އެހެން ނަމަވެސް މިހާރު ކޮތަރަށް ކާންދިނުމުގެ މަސައްކަތް ކުރަނީ މި ކޮތަރު ތަކުން އުފާ ހޯދަމުންދާ އާންމު ފަރާތްތަކުންނެވެ. މުގާއި، ރޮށި އަދި ހަނޑުލާއި ޕާން ކެއުމަށް ކޮތަރު ވަރަށް ފޯރި ހުރެއެވެ. ކޮތަރު ގެ ވަށައިގެން ވާ ސަރަހައްދު ސާފުކޮށް އުނދޯލިތައް އެލުވި ޖޯލިފަތިތައް ބެހެއްޓި މިހާރު މިސަރަހައްދުވަނީ ޕާކަކަށް ބަދަލުކުރެވިފައެވެ. އާންމުންގެ ނަމުންނަމަ ކޮތަރު ޕާކެވެ.
އަމިއްލަ ފަރުދުންތަކެއްގެ އިޖުތިމާޢީ ރޫޙުން ދިރުވި ކޮތަރު ޕާކު މިވަނީ ތޮއްޑޫއަށް ޒިޔާރަތްކުރާ މެހެމާނުންގެ ލޯތައްވެސް އަމާޒުވާ ތަނަކަށް ބަދަލުވެފައެވެ. ބަގީގައި މި ސަރަހައްދުން ބުރު ޖަހަމުންދާ ފަތުރުވެރިން ވެސް މި ސަރަހައްދަށް މަޑުކޮށް އެމީހުންގެ ކެމެރާތަކުގެ ލެންސް، ކޮތަރު ޕާކަށް އަމާޒުކުރަނީ އުފާވެރި ހިނިތުންވުމަކާ އެކީގައެވެ. ކޮތަރަކީ މިނިވަންކަން ރަމްޒުކޮށްދޭ ދޫންޏެކެވެ. މިނިވަންކަމާއެކީ ކޮތަރުތައް އުދުހިލާ އުފާވެރި މަންޒަރަކީ ބަލާ ފޫހިނުވާ މަންޒަރެކެވެ.