މެޗްގެ ކުރިން އިންޑިޔާ ޓީމުން ބުނިގޮތަށް ރާއްޖޭގެ މައްޗަށް 3-0 ލަނޑުން ކުރި ހޯދައިފި
- 20 މާރޗް 2025
މެޗްގެ ކުރިން އިންޑިޔާ ޓީމުން ބުނިގޮތަށް ރާއްޖޭގެ މައްޗަށް 3-0 ލަނޑުން ކުރި ހޯދައިފިއެވެ.
އޭޝިއަންކަޕަށް ކޮލިފައިވުމަށް ކުޅޭ މެޗްތަކުގެ ކުރިން ދިވެހިރާއްޖެއާ އިންޑިޔާއިން ރޭ ކުޅުނު އެކުވެރިކަމުގެ މެޗް ފަސޭޙަކަމާއެކު އިންޑިޔާއިން ކާމިޔާބުކުރިއިރު މެޗް ކުރިން އިންޑިޔާގެ ކޯޗް ބުނެފައިވަނީ އެ ޓީމުގެ އަމާޒަކީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ މެޗް ކާމިޔާބުކުރުންކަމަށެވެ. ރޭގެ މެޗް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާ އުފައްދާފައިވަނީ އިންޑިޔާ ޓީމުންނެވެ. ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު އަލުން އެނބުރި ޓީމާ ގުޅުނު ކެޕްޓަން ސުނިލް ޗެތްރީ ރޭގެ މެޗްގައި ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އެނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ރާހުލް ބޭކޭ އާއި ކޮލަކޯއެވެ. މެޗަށްފަހު ދިވެހި ޓީމުގެ ކޯޗް އަލީ ސުޒެއިން ބުނީ ގިނަ ދުވަސްތަކަކަށްފަހު ޤައުމީ ޓީމު އެކުލަވާލައިގެން ނުކުމެ ޓީމެއްގެ ގޮތުގައި މި މެޗްގައި ކުޅެން ކުޅުންތެރިންނަށް އުނދަގޫތަކެއް ހުރި ކަމަށާ އެހެންނަމަވެސް ޖުމްލަކޮށް ހުރިހާ ކުޅުންތެރިން ކުރި މަސައްކަތާމެދު ހިތްހަމަޖެހޭކަމަށެވެ. މި މެޗަށްފަހު އަންނަ އަންގާރަ ދުވަހު އޭޝިއަންކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.