ޙަޔާތުގެ މަޤްޞަދު

  • 12 އޭޕްރިލް 2025
ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ
" ޙަޔާތުގެ މަޤްޞަދު " އާޓިކަލް:2 (އާޓިކަލް ކިޔުމަށް ހޭދަވާނެ ވަގުތު: 2 މިނިޓް)

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ! ކީރިތި ﷲ އަޅުގަނޑުމެން އިންސާނުން، މި ދުނިޔޭގައި ލެއްވި އަސްލު މަޤްޞަދު ވަނީ އެ އިލާހުގެ ކީރިތި ކަލާމްފުޅުގައި ވަރަށް ސާފު ޢިބާރާތުން ބަޔާން ކުރައްވާފައެވެ. އެ މަޤްޞަދު ޙާޞިލް ނުކުރެވޭނަމަ، މި ޙަޔާތުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

އެހެންކަމުން ޙަޔާތުގެ ކޮންމެ ހިނދުކޮޅެއް ވެސް އަޅުގަނޑުމެން ހޭދަކުރަން ޖެހޭނީ އެ މަޤްޞަދާ އެއްގޮތަށެވެ. އެ މަޤްޞަދު ޙާޞިލްވާ ގޮތަށެވެ. އެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައެވެ.

ކީރިތި ﷲ ގެ ވަޙީ ބަސްފުޅުގައި ވެއެވެ. "وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ" (އައްޛާރިޔާތި:56) މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ."

އެހެންކަމުން ރެޔަކާއި ދުވާލު އަޅުގަނޑުމެންނަށް ލިބިފައި މިވާ 24 ގަޑީރުގެ ތެރެއިން އެންމެ ފަޅި ސިކުންތެއްވެސް މި މަޤްޞަދާ ޚިލާފަށް ހޭދަ ކޮށްގެނެއް ނުވާނެއެވެ.

ދެން މިހިސާބުން އުފެދޭނެ ސުވާލަކީ، ރެޔާ ދުވާލު 24 ގަޑިއިރު ހަމަ އެންމެ ފަޅި ސިކުންތެއްވެސް ނަގާނުލާ އަޅުކަމުގައި އަޅުގަނޑުމެންނަށް ހަމަ، ވަގުތު ހޭދަކުރެވިދާނެބާއެވެ؟ އެއީ އެއްވެސް އިންސާނަކަށް ކުޅަދާނަ ކަމެއް ބާއެވެ؟

ޖަވާބަކީ، އާނއެކެވެ. އެއީ ވަރަށް ފަސޭހަ ކަމެކެވެ. ކީރިތި ﷲ އަޅުގަނޑުމެން އިންސާނުން އުފެއްދެވީ އެ މަޤްޞަދަށް ކަމަށް ވާނަމަ، (ޝައްކެތް ވެސް ނެތެވެ. އިންސާނުން އުފެއްދެވީ އެ މަޤްޞަދަށްޓަކައެވެ. އެހެންކަމަށް ވާނަމަ) އެކަލާނގެ ވަނީ އަޅުގަނޑުމެންނަށް އެ މަޤްޞަދު ޙާޞިލް ކުރެވޭނޭ މަގު ފަހިކޮށްދެއްވާފައެވެ. މުއްމިން އަޅާގެ މުޅި ޙަޔާތަކީ، އަޅުކަން ކަމުގައި ހެދޭނެ ގޮތް ޤުރްއާނާ ސުންނަތުގައި ވަނީ ބަޔާންކުރައްވާފައެވެ. އުނގެނި، ދެނެގަނެ، ދަސްކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ.

ކީރިތި ﷲ ގެ ވަޙީ ބަސްފުޅުގައި ވެއެވެ. "قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ" (އައްޒުމަރު:9) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި، ނުދަންނަ މީހުން، ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ."

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ! އެހެންކަމުން އުނގެނޭ މީހަކަށް ވާށެވެ! ނަޞޭޙަތް ލިބިގަންނަ ބުއްދިވެރި އަޅަކަށް ވާށެވެ! ކީރިތި ﷲ އަޅުގަނޑުމެން ދުނިޔޭގައި ލެއްވި މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި، އަޅުގަނޑުމެން ދުނިޔޭގެ ދިރިއުޅުމާ، މުއްސަނދިކަމާ، ދުނިޔޭގެ އުފަލާ އަރާމުތައް ދޫކޮށްލާކަށް ނުޖެހޭނެއެވެ. އެންމެ ބުއްދިވެރި އަޅުންނަކީ ދުނިޔެއާ އާޚިރަތާ ދެތަން ވެސް ހޯދާ އަޅުންނެވެ.

ނަމަވެސް ހިތާމަޔަކީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، ވަނީ ދުނިޔޭގެ ޙަޔާތަށްޓަކައި، އާޚިރަތް ދޫކޮށްލާފައެވެ. ދުނިޔޭގެ އުފާތަކަށްޓަކައި، އާޚިރަތް ނަގާލާފައެވެ. އެފަދަ ބަދުނަސީބު، ނުވިސްނޭ، މޮޔައެއްކަމުގައި ނުވަމާ ހިނގާށެވެ!

ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސިލްސިލާގައި، ވަރަށް ފަސޭހަ ކަމާއެކު 24 ގަޑިއިރު އަޅުކަން ކުރާނެ ގޮތާއި، ދުނިޔެ ޙާޞިލް ކޮށްގެންވެސް އާޚިރަތް ބާއްޖަވެރި ކުރެވޭނެ ގޮތް ގެނެސްދޭނަމެވެ. (އިން ޝާ ﷲ)

Advertisement
Advertisement

ކޮމެންޓް (0)