ތޮއްޑޫ މާސްޓާރސް ޓޭބަލް ޓެނިސް މުބާރާތުގައި ޖުމްލަ 110 ކުޅުންތެރިން ބައިވެރިވެއްޖެ.
- 10 އޭޕްރިލް 2025
ތޮއްޑޫ މާސްޓާރސް ޓޭބަލް ޓެނިސް މުބާރާތުގައި ޖުމްލަ 110 ކުޅުންތެރިން ބައިވެރިވެއްޖެ.
މިއަހަރުގެ އޮގަސްޓްމަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ މި މުބާރާތުގައި 18 ޤައުމަކުން ޖުމްލަ 110 ކުޅުންތެރިން ބައިވެރިވެފައިވާކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދެއެވެ. މި މުބާރާތަކީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި (ޓީ.އެލް.އޭ.ސީ) އާއި ޓީޓީގެ އަމިއްލަ އެކަޑަމީއެއް ކަމުގައިވާ އިހާ އެކަޑަމީ ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމްކުރާ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހީކުރިވަރަށްވުރެ މުބާރާތައް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށާ، ސްޕެއިން، ޖަރުމަން، ޗައިނާ، އިންޑިޔާ ރަޝިޔާ އިނގިރޭސިވިލާތް ހިމެނޭހެން މާސްޓާރސް ވާލްޑް ޗެމްޕިއަނުން ބައިވެރިވެފައިވާކަމަށެވެ.
ސްޕޯޓްސް މިނިސްޓްރީއާ ޓީޓީ އެސޯސިއޭޝަންގެ އެއްބާރުލުމާއެކު ބާއްވާ މި މުބާރާތް އޮންނަނީ ތޮއްޑޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލުގައެވެ. މުބާރާތައް އެތަނަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ އެ ހޯލު މުބާރާތައް އޭސީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.
މި މުބާރާތުގައި ރާއްޖެއިންވެސް 10 ކުޅުންތެރިން ބައިވެރިވެފައިވާއިރު ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ މިއީ ތޮއްޑޫގައި ކުރިއަރަމުން އަންނަ ލޯކަލް ޓުއަރިޒަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާ މިކަމުގެ ސަބަބުން ރާއްޖޭގެ އިތުރުން ތޮއްޑޫ ވަކިން ހާއްސަކޮށް އިސްތިޙާރުވެގެން ދާނެކަމަށެވެ.