ޕެނަލްޓީގައި އެންމެ ފަހުގެ ޗެމްޕިއަން ބ.އޭދަފުށި ބަލިކުރުމަށްފަހު ލ.ގަން ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
- 19 ފެބްރުއަރީ 2025
ކުއާރޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ބ.އޭދަފުށި ބަލިކުރުމަށްފަހު ވިދިވިދިގެން ތިންވަނަ ސެމީފައިނަލެއްގައި ކުޅުމުގެ ފުރުޞަތު ލ.ގަން އިން ހޯދައިފި.
ގޯލްޑަން ފުޓްސަލް ޗެލެންޖް ސެމީފައިނަލްގެ ޖާގައެއް ލ.ގަމުން ކަށަވަރުކުރީ ރޭ ކުޅުނު ކުއާރޓާ ފައިނަލް މެޗްގައި ބ.އޭދަފުށި ޓީމާ ދެކޮޅަށް ކުޅުނު މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެން 6-5 ލަނޑުން ކުރި ހޯދައިގެންނެވެ. މިދިޔަ އަހަރުގެ ފައިނަލްގައިވެސް ވާދަކުރި މި ދެ ޓީމު ރޭ ބައްދަލުކުރި މެޗުގައި ފުރަތަމަ ލީޑު ނަގައި ކުރި ހޯދީ އޭދަފުށީ ޓީމުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. މި ލީޑް އޭދަފުއްޓަށް މުއާޒް އަލީ އިތުރަށް ފުޅާކޮށްދީފައިވަނިކޮށް ގަމުން ދެ ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރޭގެ މެޗްގައި ކުޅެން ނުކުތް ހަސަން ފަވާޒްއެވެ. އޭދަފުށި ބަލިކޮށް ސެމީގެ ޖާގަ ގަމުން ހޯދިއިރު ރޭ ކުޅެވުނު ކުއާރޓާ ފައިނަލްގެ އަނެއް ތިން މެޗް ކާމިޔާބުކޮށް ސެމީފައިނަލުން ޖާގަ ހޯދާފައިވަނީ އދ. މަހިބަދޫގެ މައްޗަށް 4-7 ލަނޑުން ކުރި ހޯދި ނައިވާދޫ އާއި، ވިލިމާލޭގެ މައްޗަށް 3-2 ލަނޑުން ކުރި ހޯދި ކާށިދޫ އާއި، އއ.މަތިވެރީގެ މައްޗަށް ކުރި ހޯދި ވާދޫއެވެ. މަތިވެރިއާ ވާދޫ ބައްދަލުކުރި ކުއާރޓާ ފައިނަލް މެޗުން ވާދޫ ކާމިޔާބުކޮށްފައިވަނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ލަނޑުން ދެ ޓީމު އެއްވަރުވެފައި އޮތުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެން 8-6 ލަނޑުން ކުރި ހޯދައިގެންނެވެ.