އެގްރިކަލްޗާރ މިނިސްޓްރީން ތޮއްޑޫ ކައުންސިލާއި ބައްދަލުކުރައްވައިފި
- 17 ފެބްރުއަރީ 2025
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ތޮއްޑޫ ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު އޮތް މި ބައްދަލަވުމުގައި ކައުންސިލުންނާއި މިނިސްޓްރީން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރެވޭނެ ގޮތްތަކުގެ މައްޗަށް އަލި އަޅުވާލާ މަޝްވަރާކުރައްވައިފަ އެވެ.
ވަރަނޫހާއި ވާހަކަދައްކަމުން ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމް ވިދާޅުވީ ކައުންސިލުން އަބަދުވެސް ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް މި ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
" ކައުނސިލުން އަބަދުވެސް އެބަ ދައްކަން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ބާރުއަޅާ ވާހަކަ. އެގޮތުން ދިގު މުއްދަތަކަށް ދަނޑުތައް ދޫކުރުން ވެސް އެއީ އޭގެ ކަމެެއް. ދެން ސަރުކާރުގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް އުންމީދެއް ލިބިއްޖޭ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރެވޭނެ ކަމުގެ" ނައިބު ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ނައިބު ރައީސް ވިދާޅިުވީ ރަށުގައި ނާސަރީއެއް ގާއިމުކުރުމަށް މިހާރު ބިން ހަމަޖެހިފައިވާ ކަމަށެވެ. އަދި ބޭނުންވަނީ ސަރުކާރުގެ ފަރާތުން އެ ބިމުގެ ބައެއްގައި ފެނުގައި ގަސް އިންދައިގެން ހެއްދޭނެ ކަމުގެ ޔަގީންކަން ތޮއްޑޫގެ ދަނޑުވެރިންނަށް ދިނުން ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. ތޮއްޑޫއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްަގއި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެވެ. ނަމަވެސް މިހާރު ތޮއްޑުގެ އިގުތިސާދު ވަނީ ފަތުރުވެރިކަމަށް ވެސް ވަރަށް ބޮޑަށް ބަރޯސާވެފަ އެވެ.