" ޙަޔާތުގެ މަޤްޞަދު "
- 09 އޭޕްރިލް 2025
އާޓިކަލް:1
الحمد لله رب العالمين. وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وأصحابه أجمعين. أما بعد: ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން! السلام عليكم ورحمة الله وبركاته.
އާދެ! ކީރިތި ﷲ ގެ ރަޙްމަތްފުޅާއި އޯގާވަންތަވެރިކަމުން، އަޅުގަނޑުމެން "ވަރަ" ނޫހުގައި ލިޔަން މި ފަށާ ދީނީ އާޓިކަލްއަކީ، (ﷲ އިރާދަ ކުރެއްވިއްޔާ) ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ވެސް، ވަރަށް ބޭނުންތެރި މުހިންމު މަޢުލޫމާތުތަކެއް ގެނެސްދެވޭނެ އާޓިކަލެކެވެ.
ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބޭ މީހުންގެ ސިފަ ބަޔާންކުރައްވާ، ކީރިތި މާތް ﷲ، އާލްޢިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރު ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ފަލާޙާއި ކާމިޔާބު ލިބޭނޭ މީހުންނެވެ."
އެހެންކަމުން، ކީރިތި ﷲ ގެ މި އަމުރުފުޅަށް ކިޔަމަންގަނެ، ހެޔޮކަމުގެ މަގަށް ގޮވައި، ހެޔޮކަންތައްތައް ހަނދާންކޮށްދީ، ކީރިތި ﷲ އަޅުގަނޑުމެން ދުނިޔޭގައި ލެއްވި އަސްލު މަޤްޞަދު ޙާޞިލްކުރުމުގެ ހެޔޮ ނިޔަތުގައި، "ޙަޔާތުގެ މަޤްޞަދު" ގެ ނަމުގައި އަޅުގަނޑުމެން މި ގެނެސްދޭ ދީނީ މުހިންމު، ކުރު މަޢުލޫމާތުކޮޅު ކޮންމެ ދުވަހަކުވެސް، ވިދާޅުވެލެއްވުމަށް ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ދަޢުވަތު އަރުވަމެވެ. އުންމީދު ކުރަނީ ޙަޔާތުގެ އަސްލު މަޤްޞަދު ޙާޞިލް ކުރުމުގެ އިޚްލާޞްތެރި ހެޔޮ ނިޔަތުގައި، މި ދަޢުވަތު ޤަބޫލުކުރައްވާނެކަމަށެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ! އިންސާނުންކުރެ ވަރަށް ގިނަ ބަޔަކު ވަނީ އެބައިމީހުން މި ދުނިޔޭގައި ލެއްވި އަސްލު މަޤްޞަދުގެ މަތިން ވަރަށް ބޮޑަށް ހަނދާންނެތި، އެއުރެންގެ އަސްލު ޙަޤީޤީ ދުޝްމަނު ކަމުގައިވާ، ޝައިޠާނާގެ މަކަރުވެރި މަޅީގައި ޖެހި، ޣާފިލްކަމުގެ ތެރެއަށް ޣަރަޤު ވެފައެވެ. ނަމަވެސް ދެރަކަމަކީ އެފަދަ މީހުންނަށް އެކަން އިޙްސާސް ނުކުރެވުމެވެ. ނުވަތަ އިޙްސާސް ކުރެވުނު ނަމަވެސް، އެ ނިކަމެތިކަމުން ސަލާމަތްވާން ކުޑަ ހިތްވަރަކާއެކު މަސައްކަތް ނުކުރެވުމެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ! ކީރިތި ﷲ އަޅުގަނޑުމެން އިންސާނުން، މި ދުނިޔޭގައި ލެއްވި އަސްލު މަޤްޞަދު ޙާޞިލް ކުރުމަކީ ޙަޤީޤަތުގައި އުންދަގޫ ކަމެއް ނޫނެވެ. އެއީ ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިނަމަވެސް، ކޮންމެ ރޮނގަކުން ކުރިޔަށް ދިޔަ ނަމަވެސް، ޙާޞިލް ކުރެވިދާނެ މަޤްޞަދެކެވެ.
އެކަމަށްޓަކައި ފުރަތަމަ ބޭނުންވާ އެއްކަމަކީ، އެ މަޤްޞަދު ރަނގަޅަށް ދެނެގަތުމެވެ. އުނގެނި ދަސްކުރުމެވެ. ސަބަބަކީ، ކޮންމެ ކަމެއްވެސް އޭގެ އެންމެ ރަނގަޅު އަދި އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ އެކަމުގެ ޢިލްމު ލިބިގެންނެވެ. ޢަމަލު ސީދާ ކުރެވޭނީ އޭރުންނެވެ.
އެހެންކަމުން ޢަމަލުކުރުމުގެ މި ކުރު ޙަޔާތް ނިމި، ޖަޒާ ލިބުމުގެ ތާއަބަދުގެ ދާއިމީ ގޯއްޗަށް ދަތުރު ކުރުމުގެ ކުރީގައި، ކީރިތި ﷲ ދެއްވި ފުރުސަތުގެ ބޭނުން، އެންމެން އެކުގައި، އޭގެ އެހެންމެ ޔޮ ގޮތުގައި ހިފަމާ ހިންގަވާށެވެ!