ރަމަޟާންމަހު ރޯދަ ހިފާ ބައެއް މަޝްޙޫރު ފަންނާނުން!
- 16 މާރޗް 2025
ރަމަޟާންމަހު ރޯދަ ހިފާ ބައެއް މަޝްޙޫރު ފަންނާނުން!
ރަމަޟާން މަހަކީ އަހަރަކު އެއްފަހަރު މުސްލިމު އުންމަތާ ބައްދަލުކުރާ އެންމެ މާތް އެއް މަސްސަރެވެ. ނަމާދު، ޒަކާތް އަދި ހައްޖުގެ އަޅުކަންތަކާ ޙިލާފަށް ރަމަޟާން މަހުގެ ރޯދަޔަކީ ވަރަށް ސިއްރު އަޅުކަމެކެވެ. ރޯދަޔަށް ހުރި ކަމަށް ބުނާ މީހާއަކީ ޙަގީގަތުގައިވެސް ރޯދަވެރިޔެއްކަން ނުވަތަ ނޫންކަން އެނގޭނީ އެ މީހަކަށާއި އޭނާގެ ވެރި ރައްބަށް އެކަންޏެވެ. މީހަކު ރަމަޟާންމަހު ސިއްރިޔާތުގައި ކެޔަސް އަދި ބުޔަސް ރޯދަ ގެއްލޭވަރުގެ ފާފައެއް ކުރިޔަސް އެކަން އެނގޭނެ ފަރާތަކަށް ވާނީ އެ މީހަކަށާ އޭނާގެ ރައްބަށެވެ. ރަމަޟާން މަސް ހުރިހާ މުސްލިމުންނަށްވެސް ޙާއްސައެވެ. އެކަމުގެ ހެއްކަކީ އެހެން މަސްސަރުތަކުގައި ދުނިޔޭގެ ކަންކަމައިގެން އަވަދިނެތި އުޅެމުންދާ މުސްލިމު އަހުންނާއި އުހުތުންވެސް ރަމަޟާންމަހު އަޅުކަމުގައި މަސްއޫލުވެ އުޅޭލެއް ގިނަވުމެވެ. އޭގެ ތެރޭގައި ބޮޑެތި މުއްސަނދިންނާއި އެކި އެކި ކަންކަމުގައި މަޝްޙޫރުކަން ހޯދާފައިވާ ފަރާތްތައް ހިމެނެއެވެ. މި ލިޔުމުގައި މި ބަލާލަނީ މި ރަމަޟާންމަހުގެ ރޯދަ ހިފަމުންދާ ބައެއް މަޝްޙޫރު ފަންނާނުންނަށް ނުވަތަ ތަރިންނަށެވެ.
ޑީޖޭ ޙާލިދުޑީޖޭ ރެކޯޑިންގ ހެދުމާއި ޑީޖޭ ޖެއްސުމުގައި މަޝްހޫރުކަން ހޯދާފައިވާ ޑީޖޭ ޙާލިދަކީ ފަލަސްތީނަށް އުފަން އެހެންނަމަވެސް މިހާރު އެމެރިކާގެ ރައްވެއްސެއްގެ ގޮތުގައި ހުރި ފަރާތެކެވެ. އޭނާ ބުނާގޮތުން އެހެން އަހަރުތަކާ އެއްގޮތަށް މިފަހަރުގެ ރޯދަ މަހުވެސް އޭނާ ރޯދައަށް ހުންނަކަމަށެވެ. އަދި ބައެއް ފަހަރު ރޯދައަށް ހުންނައިރު ވަރުދެރަވެގެން ހޮސްޕިޓަލަށް ގެންދަން ޖެހިފައި އެބަހުއްޓެވެ.
ރިޒް އަހްމަދުރެޕް ލަވައިން މަޝްހޫރުކަން ހޯދާ ލަވަކިޔުމުގެ ދާއިރާއިން އެތައް އެވޯޑްތަކެއް ހޯދާފައިވާ ރިޒް އަޙްމަދަކީ އިނގިރޭސި އާއިލާއަކަށް ނިސްބަތްވާ ޕާކިސްތާނު ނަސްލުގެ މީހެކެވެ. ރިޒްއަކީ އެންމެ ކުޑައިރުއްސުރެ ފެށިގެންވެސް ދީނީ ކަންކަމުގައި ހަރަކާތްތެރިވި އަދި 2020 ވަނަ އަހަރު ރޯދަ މަހު މުސްލިމުން ގޭގައި ތިބެ އަޅުކަން ކުރަން ކެމްޕެއިނެއްވެސް ކުރި ފަރާތެކެވެ. ރިޒް ބުނާގޮތުން ރަމަޟާންމަހުގެ ރޯދައަކީ އޭނާ ދޫނުކޮށްލާނެ އަޅުކަމެކެވެ.
ހަލީމާ އެޑެންސޯމާލިއާ ނަސްލުގެ އެހެންނަމަވެސް މިހާރު އެމެރިކާގެ ރައްވެހިކަން ހޯދާފައިވާ ހަލިމާ އެޑެން ބުނީ ރޯދަ ހިފުމަކީ އޭނާއަށް އުނދަގޫ ކަމެއް ނޫންކަމަށާ ކުރާ ހިތުން ކުރާ އަޅުކަމެއް ކަމަށެވެ. ބޮޑެތި ބްރޭންޑް ތަކުގެ އެމްބެސެޑަރުކަންވެސް ކުރަމުން އަންނަ ހަލީމާ އެޑެންއަކީ މޮޑެލް ކުރުމުގެ ދާއިރާއިން މަޝްޙޫރުކަން ހޯދާފައިވާ ފަރާތެކެވެ.
ޒޭން މާލިކްޑިރެކްޝަންގެ ކުރީގެ މެންބަރު ޒޭން މާލިކް ބުނީ އޭނާއަކީ ބަރާބަރަށް ރޯދަ ހިފާ މުސްލިމެއް ކަމަށާ ބައެއް ފަހަރު ނުކައި ނުބޮއި ހުންނަން ޖެހުމުން އުނދަގޫތައްވާ ދުވަސްތައްވެސް އަންނަ ކަމަށެވެ. ޒޭން މާލިކް ވަނީ ރަމަޟާންމަހުގެ މުހިންމުކަމާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއްވެސް ލިޔެފައެވެ.