އުދުހޭ ބޯޓު
- 26 ފެބްރުއަރީ 2025
ދުވަހަކީ 1950ގެ އަހަރުތަކުގެ ތެރޭން ދުވަހެކެވެ. އެދުވަސްވަރު ރާއްޖޭގެ މައްޗައް ބާރު ހިންގަނީ އިގިރޭސީންނެވެ. ބައެއްގެ ބާރުގެ ދަށުގައި ގައުމު އޮތެއްކަމަކު އެކަމުގެ މާބޮޑު އިހްސާސެއް އަހަރެމެންނަކަށް ނުވެއެވެ. އެކަމާއި މާ ބޮޑަކަށް ވިސްނައެއް ނޫޅެމެވެ. ދިރިއުޅުމުގައި ރަށުން ލިބެންހުންނަ ކާތަކެތިން ބަނޑުފުރާލައިގެން އުޅެނީއެވެ. ބައެއް ސާމާނު ހިފައިގެން މާލެއަށް ދަތުރުކޮށް، އެތަކެތި ވިއްކައިވެސް ހަދަމެވެ. އެގޮތުން އެއްދުވަހު މާލެއަށް ކުރި ދަތުރަކާއި ދިމާވީ އިނގިރޭސިން އުދުހޭ ބޯޓެއް ރާއްޖެ ގެނައި ދުވަހަކާއެވެ.
މާލޭ ފަޅުތެރޭގައި ދޯނި އޮތީ އަޅާފައެވެ. އަހަރެން މަޑުކޮށްލައިގެން އޮތީ ދޯނީގައެވެ. ދޯނީގެ ރިޔަލަކުން ފަރުމާނު ދެފަޅިން އެލުވާލައިގެން ދޯނި އޮތީ އަވިން ސަލާމަތް ވާ ވަރަށް ހިޔާ ކޮށްލާފައެވެ. ދޯނީގައި މާލެ ދިޔަ އެހެން މީހުން އެވަގުތު ވީ ކޮންމެވެސް ބޭނުމަކު އެއްގަމަށް ފައިބައެވެ. އެހެންކަމުން ދޯނި ބެލެހެއްޓުމުގެ ޒިންމާއާ އެކު މަޑުކޮށްލައިގެން ހަމަ އޮތީއެވެ
ދުވަހަކީ ކަނޑުމަޑު އުޑުމަތި ސާފު ދުވަހެކެވެ. މާލޭގެ ބަނދަރު ސަރަހައްދަށް މާލޭގެ ވަރަށް ގިނަ ރައްޔިތުން ޖަމާވަމުން ދިޔައެވެ. އުދުހޭ ބޯއްޓެއް ގެންނަ ވާހަކަ ތުންތުންމަތިން އަޑުއިވެއެވެ. އަހަރެން އޮތް ދޯންޏާ ޖެހިގެން އޮތް ދޯނީގައި ތިބި ދެމީހަކުވެސް ބޯއްޓެއްގެ ވާހަކަ ދައްކަމުންދިޔައެވެ. ތިޔަ ދައްކަނީ ކޮން ބޯއްޓެއްގެ ވާހަކަތޯ އަހަރެން އެ ދެމީހުންނާ ސުވާލުކުރީމެވެ. ޖަވާބުގައި، އިނގިރޭސި ސިފައިން، އެމީހުންގެ އުދުހޭ ބޯއްޓެއް މިއަދު ރާއްޖެ ގެންނަކަމަށް ބުންޏެވެ. ކޮންމެއަކަސް އެހިސާބުން އަހަރެންވެސް އެ ބޯޓު ދުށުމުގެ ޝައުޤުވެރިކަން ވަރަށް ބޮޑުވެއްޖެއެވެ.
މިޒަމާނު ގޮތަށް އޭރު ރަށްރަށުގެ ބަނދަރު ހަދާފައެއް ނުހުރެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުންނަ ގޮތަށް ނެރު ކަނޑައި، އުޅަނދު ފަހަރަށް ފަޅަށް ވަދެވޭނެ ގޮތް މާލޭގައިވެސް އޮވެއެވެ. ތަފާތަކީ މޫދުން ގާ ނަގައިގެން "ކަނޑުތޮށި" ލައިފައި އޮތުމެވެ. ބޯޓުބަލަން އައިސްތިބި ގިނަ ރައްޔިތުން ތިބީ މި ކަނޑުތޮށިގަޑު މަތީގައެވެ. އަންހެނުންނާއި ކުޑަކުދިން ގިނައިން ތިބީ އަތިރިމަތީގައެވެ. ގިނަ ބަޔަކު އެއްވެފައި އޮތުމުގެ ސަބަބުން އެ ސަރަހައްދު އޮތީ ވަރަށް ހަލަބޮލިކޮށެވެ. އަޑުވެސް އެހާމެ ގަދައެވެ. ކޮންމެއަކަސް އެ ހުރިހާ މަންޒަރެއް ބަލަން އަހަރެން ހަމަ ދޯނީގައި މަޑުކޮށްލައިގެން އޮތީއެވެ.
ގަޑިން މެންދުރު ވާން ކައިރިވެއްޖެއެވެ. ކުއްލިއަކަށް އަތިރިމަތީ ގަސްތަކު ހިޔަލުގައި ތިބި މީހުންތައް އަތިރިމަތިން މޫދާ ކައިރިއަށް ގާތްވެގަތެވެ. ގިނަ މީހުން އެރީ ކަނޑުތޮއްޓަށެވެ. މީހުންގެ ވާހަކަތަކުން އިނގުނީ އިނގިރޭސިންގެ މަނަވަރެއް ހުޅުލެއާއި މާލެއާއި ދެމެދުން ވަދެގެން އަންނަކަމެވެ. ކޮންމެޔަކަސް މިހިސާބަށް ކަންތައްގަނޑު ދިޔުމުން އަހަންނަށްވެސް ދޯންޏަކު ނޯވެވުނެވެ. ތަންކޮޅެއްގާތުން އެ މަންޒަރު ދުށުމުގެ ޝައުގުވެރިކަން އުފެދިއްޖެއެވެ. ޖެހިގެން އޮތް ދޯނީގައިތިބި 2 މީހުނާ އެކު ދޯނިން ފައިބައިގެން ތިންމީހުން އެކުގައި ކަނޑުތޮއްޓަށް އަރަންވެގެން ދިޔައިމެވެ.
ތަންކޮޅެއް ދުރުން ކުޑަކޮށް މޫދަށް އެރިލައިގެން ގޮސް ތޮއްޓަށް އެރީމެވެ. މީހުން ވަރަށްގިނައެވެ. ތަންކޮޅެން މީހުން މަދު ހިސާބަކުން ، މީހުންތައް ހާވަމުން ގޮސް ކަނޑު ފެންނަ ހިސާބުގައި މަޑުކޮށްލައިފީމެވެ. އޭރު އެބުނާ މަނަވަރު ފުނަދޫ ކައިރިން އޮވެ އާދެއެވެ. ވަކިހިސާބަކަށް މަޑުކުރުމަށްފަހު މަނަވަރު އަޅައިފިއެވެ. މަނަވަރު އެޅިފަހުން އޮޔާއި ވަޔާއިއެކު މަނަވަރު އެނބުރި މަޑުވިއިރު، މަނަވަރުގެ ފަހަތު ޑެކްމަތީ މަތިންދާބޯޓެއް އޮތެވެ. އެ ބޯޓަކީ މިހާރު މި ދުއްވާ ފެނައްޖައްސާ ބޯޓައި ދާދި އެއްގޮތަށް އޮތްބޯޓެކެވެ. 2 ކަނދުވެސް ހުއްޓެވެ. ބޯޓުގެ ކުރީގައި ބުރަފައްޗެއް ހުއްޓެވެ. ވަރަށް ޝައުގުވެރި ކަމާއެކު މީހުންތައް މި މަންޒަރު ބަލަން ތިއްބެވެ
މާގިނަ އިރުތަކެއް ނުވެ މަނަވަރުގައި އޮތް ސޭލާއެއްގައި ޖަހައިގެން ބޯޓު ކަނޑަށް ތިރިކޮށްފިއެވެ. އަދި ބޯޓުގެ ޕައިލެޓް އިންޖީން ހިންގާލާ ބުރަފަތި އަނބުރާލިއެވެ. އެހެރަ ގަދަ އަޑެކެވެ. އޭގެ ކުރިން އެވަރުގެ ގަދަ އަޑެއް އަހަރެން ނާހަމެވެ. އެހިސާބުން ކަންތަކާ ޖެހުނީއެވެ. އެއްވެފައި ތިބިމީހުނަށް ހީވީ އީދެއް ލައިގަތްހެނެވެ. އެންމެންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރުތައް ފެނެއެވެ. ބޯޓައި ބެހޭގޮތުން އެކިމީހުން އެކި ވާހަކަ ދައްކަނީއެވެ. އެއްވެސް މީހަކަށް އޭރަކު މަތިންދާބޯޓައި ބެހޭ މާ ބޮޑު މައުލޫމާތެއް ނޭގެއެވެ. ވަރަށް މަދު މީހަކަށް ބޯޓެއް މަތިން އުދުހިފައި ދަނިކޮށް ފެނިފައި އޮވެދާނެއެވެ. އެކި މީހުން އެމީހަކަށް ހީވި ގޮތަކަށް ބޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަނީއެވެ. އަހަރެންވެސް ހައިރާން ކަމާއި، ޝައުގުވެރި ކަމާއެކު ބޯޓުގެ ހަރަކާތަށް ބަލަން ހުރީމެވެ.
ބޯޓުގެ ބުރަފަތި އޭގެ އެންމެ ބާރު ސްޕީޑްގައި އެނބުރެން ފެށުމުން، މަޑު ދުވެއްޔެއްގައި ބޯޓު ކުރިއަށް ދުއްވާލި ވެއެވެ. އެހިސާބުން މީހުންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ބޯޓުގެ މިސްރާބުހުރީ މާލެއިން ހުޅަނގަށެވެ. އެއީ ވިލިގިއްޔާ ދިމާއަށެވެ. ބޯޓު ދުއްވަނީ އާދައިގެ މަޑު ދުވެއްޔެއްގައިއެވެ. ހުޅަގަން ބޯޓު ދުއްވާފައި ދާއިރު އެ ދެވެނީ މަންޒަރު ބަލަންތިބި މީހުންގެ ކުރިމަތިންނެވެ. އެވަރު ސްޕީޑެއްގައި ދުވާ ބޯޓެއް މަތީގައި އުދުހެވިދާނެކަމަށް ގަބޫލުކުރާ އެއްވެސް މީހަކު އެތާކުނެތެވެ. ހުދު އަހަރެންވެސް އެކަމަށް ޝައްކުކުރަމެވެ. ބޯޓަށް މަތީގައި ނުއުދުހެވޭނެ ކަމަށް ބުނެ ބައެއް މީހުން އިނގިރޭސިންނަށް ޖޯކު ޖަހައެވެ.
މީހުންތަކުގެ ކުރިމަތިން ހުޅަނގަށް ވާގޮތަށް އިރުކޮޅަކު ދުއްވުމަށްފަހު ބޯޓުގެ މިސްރާބު ބަދަލު ކޮށްލިއެވެ. މިފަހަރު ބޯޓުގެ މިސްރާބު ހުރީ މާލެއިން އުތުރަށެވެ. މީހުންނާ ދުރަށެވެ. ބޯޓަށް މައްޗަށް ނޭރިގެން އަނބުރާލާފައި މަނަވަރަށް ދަނީއޭވެސް ބައެއްމީޙުން ކިޔައެވެ. ކޮންމެއަކަސް އެވަގުތުވެސް މަންޒަރު ބަލަން އެއްވެ ތިބި މީހުންގެ ފޯރިގަނޑު ވަރަށްގަދައެވެ. ހަޅޭއްލަވާ ހޯއްގޮވައި ހަދައެވެ. ބަހަކުންކުރެ ބަހެއް ނުބުނެ، މީހަކު ފަސްއެނބުރި ބަލައިނުލާ ދާ ފަދައިން ބޯޓު އޮވެ ދެއެވެ. ސްޕީޑަކަށް ބަދަލެއް ނާދެއެވެ.
މީހުންނައި ދުރަށް އިރުކޮޅަކު ދުއްވުމަށްފަހު ބޯޓު އަނބުރާލާފައި މަޑުކޮށްލިއެވެ. އިންޖީނުގެ އަޑުވެސް މަޑުވިއެވެ. އޭރު ބޯޓު އޮތީ ސީދާ މާލެއާ ދިމާއަށެވެ. އެއްވެފައި އޮތް މީހުންތަކައި ދިމާއަށް ބަލަހައްޓައިގެން އޮތް ހެންނެވެ. ބޯޓު އެ އޮތީ އިންޖީނު ހަލާކުވެފައި ކަމަށާއި ދެން އިތުރަށް ބޯޓު ނުދުވާނެ ކަމަށް މީހުންތައް ކިޔައެވެ. މިގޮތަށް ގާތްގަނޑަކަށް މިނެޓެއް ވާންދެން ބޯޓު އޮތްކަމަށް ބެލެވެއެވެ.
ދެނެކާދެނެއްނެތެވެ. ކުއްލިއަކަށް ބޯޓުގެ އިންޖީނުގެ އަޑުފަށްގަނޑު ވަރަށް ގަދަކޮށްލައި، ސްޕީޑް ބޯޓެއްގެ ދުވެލީގައި ބޯޓު ކުރިއަށް ދުއްވާލައިފިއެވެ. ބޯޓު އޮވެ އަންނަނީ ހަމަ ސީދާ މާލެއާ ދިމާއަށެވެ. އިރުކޮޅެއްވިއްޔާ ވަނީ ދުވެލި ބާރެވެ. ބައެއް މީހުން ބިރުން ފަހަތައް ޖެހެން ފެށިއެވެ. އެ ބޯޓު އެ އަންނަ ދުވެލީގައި ކޮންޓްރޯލު ނުވެ މީހުންތަކުގެ ތެރެއަށް ވަދެފާނެ ކަމުގެ ބިރަށެވެ. ނުވަތަ އެ ދުވެލީގައި އައިސް ބޯޓު ޖެހޭނީ މާލޭގެ ކަނޑުތޮށީގައި ކަމަށް ބަލާފައެވެ. އެހިސާބުން ތޮށިމަތީ ތިބި ބައެއް މީހުން މޫދަށް ފުންމާލައިގެން އެއްގަމަށް ދާންފެށިއެވެ.
ބޯޓުގެ ދުވެލި، ދެން އެ ހުރީ އެންމެ ބާރުވެފައިއޭ ހީވިހިސާބުން މަޑުމަޑުން ބޯޓު ގެ ކަނދު ފެނުން އެއްކޮށް ހިއްލާލިއެވެ. އޭރު ބޯޓު ހުރީ މީހުންތަކައި ވަރަށް ގާތަށް އައިސްފައެވެ. ކޮންމެއަކަސް އެ ހިއްލާލި ގޮތަށް އެންމެންގެ ބޯމަތިން އަޅައިފައި މާލެ މައްޗަށް ވާ ގޮތަށް އުދުއްސާލައިފިއެވެ. ސަހަރޯ ސަހަރޯއެވެ. އެވަގުތު އަހަންނަށްވެސް ބިރުން ތިރިވެވުނެވެ. ހަލަބޮލިވެ އަޑުހަރުކޮށް ދައްކަމުންދިޔަ ވާހަކައިގެ އަޑު ކެނޑި އެންމެން ހަމަހިމޭން ވެއްޖެވެ. އެއްވެސް މީހަކު ބަހަކުންކުރެ ބަހެއް ނުބުނެއެވެ. އެންމެންވެސް ވީ ހައިރާނުގެ ސަބަބުން ބަސްހުއްޓިފައި ތިބީއެވެ. މުޅި ސަރަހައްދު މީހުން އެއްވެ ފުނިޖެހިފައި އޮތް އިރު، މީހަކު ކަރުކެހިލައި ނުވަތަ ކެއްސާލައި ހަދާ އަޑުވެސް ނީވެއެވެ. މި މަންޒަރުފެނި އެންމެންވެސް ތިބީ ކޮސްވެފައެވެ. ކުރިން ހީކުރި ގޮތާ ހިލާފަށް ބޯޓު އެއޮއް އުދުހެނީ އެވެ.
މާލެމަތީގައި 2 ބުރެއް ޖެހުމަށްފަހު ބޯޓު ތިރިކޮށް، ކަނޑަށް ޖައްސައިފިއެވެ. ބޯޓަށް ވައިގެތެރޭ އުދުހެވިދާނެ ތޯ އުފެދުނު ސުވާލުގެ ޖަވާބު އެންމެނަށް ލިބިއްޖެއެވެ. އަދި އެ މަންޒަރު ހަމަލޮލަށް ފެނިއްޖެ އެވެ. ބޯޓު ޖެއްސި މަންޒަރަކީވެސް އެންމެން ހައިރާން ކުރުވާލި ހިތްގައިމު މަންޒަރެކެވެ. ރާއްޖެތެރޭން އެދުވަހު މާލޭގައިތިބި މަދު މީހުންގެ ތެރޭގައި އަހަރެން ހިމެނުނު ކަމުން މި މަންޒަރު ދުށުމުގެ ނަސީބު އަހަންނަށްވެސް ލިބުނީއެވެ.