ހަފްތާގެ ބޮޑު މެޗަށް ލިވަރޕޫލާ މެންޗަސްޓަރ ސިޓީ މިރޭ ނުކުންނާނީ

  • 23 ފެބްރުއަރީ 2025
ފޮންޓު ސައިޒު: ށ ށ ށ

އެގާރަ ޕޮއިންޓްގެ ލީޑެއް ހޯދުމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗަސްޓަރ ސިޓީއާ ދެކޮޅަށް މިރޭ ލިވަރޕޫލުން ނުކުންނާނެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގު ވޭތުވެދިޔަ ހަތަރު އަހަރު ކާމިޔާބުކޮށްފައިވާ މެންޗަސްޓަރ ސިޓީއާ ދެކޮޅަށް މިރޭ ލިވަރޕޫލުން ނުކުންނައިރު އެ ޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑަކާއެކުއެވެ. މެންޗަސްޓަރ ސިޓީ ލީގު ތާވަލްގެ ހަތަރުވަނާގައި ސާޅީސް ހަތަރު ޕޮއިންޓާއެކު އޮތްއިރު މިރޭގެ މެޗް ކާމިޔާބުކޮށްގެން ލީގު ތާވަލްގެ ތިންވަނައަށް އެރުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ. އެހެން ނަމަވެސް ލީގު ތާވަލްގެ ތިންވަނައަށް އެ ޓީމަށް އެރޭނީ މިރޭ ނިއުކާރސަލް ޔުނައިޓެޑާ ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރާ މެޗުން ނޮޓިންހަމް ފޮރެސްޓް ބަލިވެއްޖެނަމައެވެ. ލީގުގެ ދެވަނާގައި މިވަގުތު އޮތީ ވެސްޓްހެމް އަތުން ރޭ 1-0 ލަނޑުން ބަލިވި އާރސެނަލްއެވެ. އާރސެނަލްއަށް ލިބިފައިވަނީ ފަންސާސް ތިން ޕޮއިންޓެވެ. ލީގުގައި ރޭ މެންޗަސްޓަރ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗް 2-2 އެއްވަރުވެފައިވާއިރު ޗެލްސީ ވަނީ އެސްޓޮންވިލާ އަތުން 2-1 ލަނޑުން ބަލިވެ ލީގު ތާވަލްގެ 6 ވަނައަށް ވެއްޓިފައެވެ. ޕްރިމިއަރ ލީގުގައި ރޭ ކުޅެވުނު ބައެއް މެޗްތަކަށް ބަލާލާއިރު ލެސްޓާރ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗް 4-0 ލަނޑުން ކާމިޔާބުކުރީ ބްރެންޓްފޯޑްއެވެ. އަދި ސައުތަމްޕްޓަންއާއި ބްރައިޓަން ބައްދަލުކުރި މެޗް 4-0ގެ ނަތީޖާއިން ކާމިޔާބުކުރީ ބްރައިޓަންއެވެ. 1-4 ލަނޑުގެ ތަފާތުން އިޕްސްވިޗްގެ މައްޗަށް ކުރި ހޯދާ ޓޮޓެންހަމް ލީގު ތާވަލްގެ 12 ވަނައަށް ޖެހިލިއިރު 2-0 ލަނޑުން ފުލްހަމްގެ މައްޗަށް ކްރިސްޓަލް ޕެލަސް ވަނީ ކުރި ހޯދާފައެވެ.

Advertisement
Advertisement

ކޮމެންޓް (0)