އެއްބަސްވުމާ ޙިލާފުވަމުން ގޮސް އެންމެ ފަހުން އިސްރާއީލުން ފަލަސްޠީނަށް ރޭ ވަރުގަދަ ހަމަލާތަކެއް ދީ 200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި
- 18 މާރޗް 2025
ސުލްޙައިގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ކުރިއަށްދަނިކޮށް އިސްރާއީލުން ރޭ ފަލަސްޠީނަށް ވަރުގަދަ ހަމަލާތަކެއް ދީ 200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
ގާޒާގެ ސިއްޙީ އިދާރާއިން ބުނެފައިވަނީ ރޭގެ ހަމަލާއާ ގުޅިގެން 200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންކަމަށެވެ. އިސްރޭލާއި ހަމާސްއާ ދެމެދު ވަގުތީ ސުލްޙައެއް ގާއިމުކޮށް ވެފައިވާ މި އެއްބަސްވުމާ ޙިލާފުވެ އިސްރާއީލުން ރޭ ދިން މި ވަރުގަދަ ހަމަލާއާ ގުޅިގެން އިސްލާމިކް ޖިހާދާއި ހަމާސްއިން ބުނީ މިއީ ގަސްތުގައި ސުލްޙައިގެ ވާހަކަތައް ހުއްޓުވުމަށް އިސްރޭލުން ދިން ހަމަލާއެއް ކަމަށެވެ. އިސްރޭލުން ގިނަ ދުވަސްތަކެއް ވަންދެން ފަލަސްޠީނުގެ އެކި ސަރަހައްދުތަކަށް ދެމުންދިޔަ ހަމަލާތައް ވަގުތީގޮތުން ހުއްޓާލާފައި އޮތުމަށްފަހު ރޭ ދިން މި ހަމަލާއާ ގުޅިގެން ފަލަސްޠީނުން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު މި ވަނީ 48500 އަށްވުރެ މައްޗަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 110000 ވުރެ މައްޗަށް ގޮސްފައިވާކަމަށް ފަލަސްޠީނުގެ ސިއްޙީ އިދާރާއިން ވަނީ ބުނެފައެވެ. މި ހަމަލާ ދީފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭނެއް ގާޒާގައި އޮތްކަން ހާމަކޮށް އެ ޕްލޭން ދުނިޔެއަށް އިޢްލާންކޮށް މުޅި ބައިނަލްއަޤްވާމީ މުޖުތަމައުއާއި އިދިކޮޅަށް ގާޒާއަކީ އެމީހުންގެ މިލްކަކަށް ހަދާނެކަމަށް ބުނެފައިވަނިކޮށެވެ. ޓްރަމްޕްގެ މި ޕްލޭނަށް ހަމައެކަނި ތާޢީދުކޮށް ވާހަކަ ދައްކާފައިވަނީ އެމެރިކާގެ ފުރިހަމަ އެހީއާއެކު ފަލަސްޠީނަށް ހަމަލާދެމުންދާ ޖައްބާރު އިސްރާއީލުގެ ވެރިޔަކަށް ހުރި ނަތަންޔާހޫ އެކަންޏެވެ. ރޭގެ މި ހަމަލާއާ ގުޅިގެން ފަލަސްޠީނުގެ މަސްރަހު އިތުރަށް ގޯސްވެފައިވާއިރު ސުލްޙައިގެ ދެވަނަ މަރުޙަލާގެ ވާހަކަތަކަށް އިތުރަށް ވާނެގޮތަކާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ