ދެކުނު އެމެރިކާ ސަރަޙައްދުގެ ވާލްޑްކަޕް ކޮލިފައިންގައި ބްރެޒިލްގެ މައްޗަށް ފަސޭޙަކަމާއެކު ކުރި ހޯދާ އަންނަ އަހަރު އޮންނަ ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އާރޖެންޓީނާ ޖާގަ ހޯދައިފި.
- 26 މާރޗް 2025
ދެކުނު އެމެރިކާ ސަރަޙައްދުގެ ވާލްޑްކަޕް ކޮލިފައިންގައި ބްރެޒިލްގެ މައްޗަށް ފަސޭޙަކަމާއެކު ކުރި ހޯދާ އަންނަ އަހަރު އޮންނަ ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އާރޖެންޓީނާ ޖާގަ ހޯދައިފިއެވެ.
ރޭ ބްރެޒިލްގެ މައްޗަށް 1-4 ލަނޑުން ކުރި ހޯދި މެޗްގެ ކުރިން ބޮލީވިއާ އާއި، އުރުގުއޭ ބައްދަލުކުރި މެޗް 0-0 އެއްވަރުވުމުން އާރޖެންޓީނާ އަށް އޮތީ ވާލްޑް ކަޕްގެ ޖާގައެއް ކަށަވަރުވެފައެވެ. އަނިޔާގެ ސަބަބުން އާރޖެންޓީނާގެ ކެޕްޓަލް ލަޔަނަލް މެސީ އަދި ބްރެޒިލްގެ ކެޕްޓަން ނޭމާރ ނުލައި ދެ ޓީމުން ރޭގެ މެޗަށް ނުކުތްއިރު ފުރަތަމަ ހާފްގައި ބްރެޒިލްކޮޅަށް ވަނީ ތިން ގޯލް ޖަހާފައެވެ. މި ތިން ގޯލް ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒްއާއި، އެންޒޯ ފެނާންޑޭޒް އަދި މެކަލިސްޓާރއެވެ. ދެވަނަ ހާފްގައި އާރޖެންޓީނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސިމިއޯނީއެވެ. ބްރެޒިލްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި އާރޖެންޓީނާގެ ޑިފެންޑަރ ރޮމިރޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކޮށްދިނީ މެތިއުސް ކުންހާއެވެ.
ދެކުނު އެމެރިކާ ސަރަހައްދުން 10 ޓީމު ވާލްޑް ކަޕް ކޮލިފައިންގައި ވާދަކުރާއިރު މި ބައްރުން ވާލްޑްކަޕަށް ކޮލިފައިވާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމަށެވެ. އަދި ހަތްވަނަ ޓިމު ޖެހޭނީ ވާލްޑް ކަޕްގެ ޖާގައެއް ހޯދުމަށް ޕްލޭއޮފެއް ކުޅެންށެވެ. ތާވަލްގެ އެއްވަނައިގައި މިވަގުތު 31 ޕޮއިންޓާއެކު އާރޖެންޓީނާ އޮތްއިރު، ދެވަނާގައި 23 ޕޮއިންޓާއެކު އޮތީ އިކުއޭޑޯއެވެ. އަދި ތިންވަނާގައި އޮތް އުރުގުއޭއާއި، ހަތަރު ވަނާގައި އޮތް ބްރެޒިލް އަދި ފަސްވަނާގައި އޮތް ޕެރަގުއޭ މިއިން ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ 21 ޕޮއިންޓެވެ. ހަވަނާގައި 20 ޕޮއިންޓާއެކު މިވަގުތު އޮތީ ކޮލޮމްބިއާއެވެ. ބާކީ ކޮންމެ ޓީމަކަށް ހަތަރު މެޗް އޮތްއިރު ހަތްވަނާގައި މިވަގުތު 15 ޕޮއިންޓާއެކު އޮތީ ވެނަޒުއޭލާއެވެ.