2 ސުވާލު!

  • 13 މާރޗް 2025
އަލިފު އަލިފު
ފޮންޓު ސައިޒު: ށ ށ ށ

ޒަމާން ބަދަލުވެއްޖެއެވެ. ޒަމާނާއި އެކު އެތަކެއް ކަމެއް ބަދަލުވެއްޖެއެވެ. ލިޔަން މި ފެށީކީ އާދައިގެ ވާހަކައެއް ނޫނެވެ. ފިރިހެން ކުއްޖެއްގެ ހާޔާތުގައި އަނގައިން ބޭރުކޮށްލާ އެންމެ ވަރުގަދަ ޖުމްލައާއި ގުޅޭ ވާހަކައެކެވެ. އެ ޖުމްލަ އަކުން އެތައް އަންހެން ކަނބަލުންގެ ލޮލުން ކަރުނަ ހިލުވާލާ ޖުމްލައެކެވެ. އެ ޖުމްލައެއް ދޫ ނޯޅި ބުނަންޖެހޭ ތަނުގާ ބުނުމަށްޓަކާ އެތަށް ޒުވާން ފިރިހެން ކުދިން ޕްރެކްޓިސް ކޮށްފައިވާ އަދި ކުރަމުންދާ ޖުމްލައެކެވެ. އެ ޖުމްލަ ދުލުން ބޭރުވާ މަންޒަރު ބެލުމަށް އާއިލާގެ ކުދި ބޮޑު އެންމެނާ، ރައްޓެހިންނާއި އަވައްޓެރިން، މެހެމާނުންނާއި ކުޅިބަލާމީހުން ކެމެރާތައް ދިއްކޮށްގެން އިންތިޒާރުގައި ތިބޭ، ޖުމްލައެކެވެ. މީ އިސްލާމީ ކައިވެންޏެއްގާ ދެ މަފިރިން ކައިވެނީގެ ގޮށުން ގޮށްޖަހާލެވޭކަން ގާޟީއަކު އިޢުލާނު ކުރުމުން ކައިވެނި ކުރެވޭ ފިރިހެނާގެ ދުލުން ބުނެލަންޖެހޭ "ލުއި" ނަމަވެސް "ބަރު" ޖުމްލައެވެ. އާދެ! "އަނބި ޤަބޫލުކޮށްފީމެވެ"

މި ޖުމްލަ ދިވެހިންގެތެރޭގައި ބޭނުން ކުރަމުން އަންނަތާ ރާއްޖެ އިސްލާމްވީހާ ދުވަހެއް ވެދާނެއެވެ. ނަމަވެސް މި ޖުމްލަ އާއި ހިސާބަށް ދިޔުމަށް ކުރަންޖެހޭ ދަތުރުގެ ތައްޔާރީ ތަކަށް މި ވަނީ ވަރަށް ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. ޒަމާނުގެ އޮއިވަރާއެކު ދިވެހިންގެ ތެރޭގައި ކައިވެނި ހަފްލާތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަނބި ޤަބޫލުކޮށްފީމޭ ބުނެލަންޖެހޭ ހިސާބަށް ފޯރަނީ ވަރަށް ބޮޑެތި ޤުރުބާނީ އަކާއި ޚަރަދު ތަކެއް އަތުން ގޮސްގެނެވެ. އެންމެންގެ ވާހަކައެއް ނޫނެވެ. ނަމަވެސް މި ރާއްޖޭގައި މިއަދު އާންމު ހާލަތޭ ބުނެވިދާނެއެވެ.

އަންހެން ކުއްޖަކު ކައިވެންޏަށް އެއްބަސްވާ ހިނދު އެކުއްޖާގެ އެކުވެރިންގެ ފަރާތުން އެކުއްޖާ އަށް "ބްރައިޑަލް ޝަވަރ" ނުވަތަ މަރުޙަބާ ޕާޓީއެއް ބޭއްވެއެވެ. އެ ޕާރޓީއަށް ކަލަރ ކޯޑު ކަނޑައެޅި، ހެދުންފަހާ، ތަން ޒީނަތްތެރިކޮށް ދެންވެސް އެކަމެއް ކޮޕީކުރި ސަޤާފަތެއްގައި އެކަން ކޮށްއުޅޭ ހުރިހާގޮތަކަށް އެ ޕާޓީ ބޭއްވެއެވެ. މިއީ އަދި ކައިވެނި ޕާޓީއެއް ނޫނެވެ. ކައިވެނި ޕާޓީއަށް ކުރެވޭ "ރިހާސަލް" އެކެވެ. ޕާޓީ އަދި ކުރިއަށް އޮތީއެވެ. ޕާޓީއަށް ތާރީޙް ކަނޑައަޅާ އާއިލާއާއި ރައްޓެހިން ލާންޖެހޭ ހެދުމުގެ ކުލަތައް ކަނޑައެޅި އެ ކުލަތަކުން ފޮތި ގަނެ ހެދުންފަހާ އެތައް ބައިވަރު ފައިސާއެއް ޚަރަދު ކުރެއެވެ. މިއީ އަދި ތައްޔާރީ ތަކެވެ. ކައިވެނީގެ ދަޢުވަތު އެކަމުގެ މާހިރެއް ލައްވާ ޑިޖިޓަލްކޮށް ހައްދާ ޕާޓީ ބާއްވާ ތަނެއް ބުކުކޮށް ކާޑު ފޮނުވާ ހަދައެވެ. މި ހުރިހާ ކަމެއް ކުރިއަށްދާއިރު ޕާޓީގައި ކިޔާނެ ލަވަޔާކާ އެއާ އެއްވަރަށް ފައިހަމަ ކުރުމަށް ވާންޖެހޭ ތައްޔާރީތަކުގައި ރައްޓެހިންގެ ތެރެއިން އެކަމަށް ހާއްސަ ޓީމަކުން ޕްރެކްޓިސްތައް ކުރިއަށް ގެންދަން ޖެހެއެވެ. ވީޑިއޯ ނެގުމާ ފޮޓޯ ނެގުމާ ލައިޓިންގ އާއި ސައުންޑާ ކެއްކުމާ ކޭކު އެޅުމާ ޓޭބަލް ސެޓުކުރުމާ، ވެލްކަމް ގޭޓް ހެދުމާ، ރަން ހެދުމާ، ކައިވެނި ހަފުލާއަށް އަންނަ މެހެމާނުންނަށް ދޭނެ ހަދިޔާ ހެދުމާ އަދިވެސް އެތަށް އެތަށް ކަމެކެވެ. މިއިން ކޮންމެ ކަމަކަށް ބައްދަލުވުން ބާއްވާ މަޝްވަރާކޮށް ޒުވާބުކޮށް ނިޒާމީ ނުކުތާ ނަގާ ބައެއް މެންބަރުން މަޝްވަރާ މަޖިލީހުން ބޭރު ކުރަންޖެހޭ ހިސާބަށް ދަނީ މަދަކުންނޫނެވެ. މި އުޅެނީ އަނބިޤަބޫލުކޮށްފީމޭ ބުނުމަށް ވާންޖެހޭ ތައްޔާރީ ތަކުގައެވެ.

ވާހަކައާއި ހާސަރު ކުރުކޮށްލާނަމެވެ. މިއަދުގެ ކައިވެނި ހަފުލާ ތަކުގައި ކުރާހާ ކަންކަން އިތުރަށް އިޝްތިހާރުކުރުމުގެ ބޭނުމެއް ނެއްތާއެވެ! މި ލިޔުން ލިޔުމަށް މަޖުބޫރު ކުރުވީ ލަކުޑި ޖޯއްޔެއްގައި އޮށޯވެލައިގެން އޮތް 90 އަހަރުން މަތީގެ މުސްކުޅި ބޭބެޔަކާ ބައްދަލުވެ ދެކެވުނު ވާހަކަޔަކުންނެވެ. އެ ބޭބެގެ ލޯ ފުހެވެ. ބުމައިގެ އިސްތަށި ހުދު ވެފާ ދިގެވެ. ދޫވެ ރޫ ޖެހިފައިވާ ދޮން ހަންގަނޑެކެވެ. ބޭބެގެ ދުވަހުގާ ވާވަރަށް "ކާށި ކައިފާ ހުރިކަން" ވާހަކަ ތަކުން އެނގެއެވެ. ކުރެވުނު ކައިވެނިތަކުގެ އަދަދު 20 އިން މައްޗެވެ. ޝައުޤުވެރިކަމާއެކީ ބޭބެގާތު ސުވާލެއް ކޮށްލީމެވެ. "ބޭބެމެންގެ ދުވަހުގާ ކައިވެނި ކުރުމަކީ ވަރަށް ފަސޭހަކަމެއް ހެއްޔެވެ؟" ލާނެއް ހިނިތުންވުމަކާއެކީ ބޭބެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެކޮއި ވަރި ކުރުން އަދި މާ ފަސޭހައެވެ."

"ބޭބެމެން މީހަކާ އިންނަންވީމާ ރަންކިޔުމަށް، ހިތާވާ އަންހެންކުއްޖާ ކައިރިއަށް ފޮނުވަމެވެ. ރަންކިޔާނީ މޮޅު ބިލެއްގަނޑަކަށެވެ. އޭގައި ހުންނާނީ ފޯކާއި ބިލެތާއި ކަރަންފޫ،ފޮނިތޮށި، ހުނި އަދި ކާފޫރު ތޮޅިއެވެ. އެންމެ ރަން ރީތި ބޮޑު ބިލެއްގަނޑެއް ތައްޔާރު ކޮށްލީމަ ރަން އެއޮތީ ހެދިފައެވެ. މުދިންބެއާ އެކީ ދެ ހެކިވެރިން ގޮވައިގެން އަންހެންކުއްޖާގެ ގެއަށް ދިޔުމަށްފަހު ކައިވެނީގެ ދަރުބާރު ފެށުނީއެވެ. އަންހެންކުއްޖާ ގާތު މުދިންބެ ކުރާނީ 2 ސުވާލެކެވެ. އެއީ "ބޮޑުވެއްޖެ" ތޯ؟ އާއި ފިރިމީހާ ހެނދުނު ހޭލުމުން ކާއެއްޗެއް ރޯފިލުވާ ފިރިމީހާ މަސައްކަތަށް ފޮނުވުމުގެ ޤާބިލުކަން ހުންނާނެތޯ އެވެ؟ މި ދެ ސުވާލަށް އަންހެން ކުއްޖާއަށް ޖަވާބު ދެވިއްޖެނަމަ ވަގުތުން ކައިވެނި ކޮށްދޭނެއެވެ. ކޮންމެއަކަސް އެތަށް ޚަރަދަކާ މަސައްކަތެއް ކޮށްގެން ބާއްވާ ޒަމާނީ ކައިވެނި ތައް ވެސް ރޫޅެން މަސްދުވަސް ނުނަގައެވެ. ކައިވެނި ރޫޅުމުގާ އެޒަމާނާ މިޒަމާނުގެ މާބޮޑު ތަފާތެއް އޮތްކަމަކަށް ނުފެނެއެވެ. ނަމަވެސް ކައިވެނީގެ ދަތުރު މިއަދު އުނދަގޫވެފާ އިންތިހާއަށް ޚަރަދު ބޮޑެވެ.

Advertisement
Advertisement

ކޮމެންޓް (0)